Thursday, March 9, 2017

ކުޑަރިކިލު ސްކޫލުގެ ރަންޔޫބީލް ފާހަކުރުން 1967 – 2017 މާރޗް 8



މިސްކޫލަށް 50 އަހަރުފުރޭ އުފާވެރި ރަންޔޫބީލް ފާހަކުރުމުގެ ގޮތުން ސްކޫލާއި، ބެލެނިވެރިންނާއި، އިސްދަރިވަރުންނާއި، އަދި ދަރިވަރުން ގުޅިގެން ތަފާތު ހަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިދުވަސް ފެށިގެން ދިޔައީ ފަތިސްނަމާދަށްފަހު ކުރެވުނު ހާއްސަ ދުޢާއަކުންނެވެ. މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާއިރު މިދުވަހުގެ ހާއްސަ އެސެމްބްލީއެއްވެސް ސްކޫލުގައި ބޭއްވުނެވެ. މި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ، މިސްކޫލަށް އަގުނުކުރެވޭނޭ ހިދުމަތްތަކެއްކޮށްދެއްވި ސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް ރިޓަޔަޑް އަލްފާޟިލް ޢަބްދުލް ހަމީދު އާދަމެވެ. މިއެސެމްބްލީގައި ސްކޫލުގެ އިސްމެނޭޖްމެންޓާއި ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން، ބެލެނިވެރިންނާއި، އިސްދަރިވަރުން އަދި ރަށުގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.     އެސެމްބްލީއަށްފަހު ޓީޗަރުންނާއި، ދަރިވަރުންނާއި، ބެލެނިވެރިން އަދި އިސްދަރިވަރުންގެ ތަފާތު ހަރަކާތްތަކެއް ސްޓޭޖްގައި ހުށަހަޅައިދެވުނެވެ. އޭގެތެރޭގައި ކުލާސްތަކުން ކޭކުފެޅުމާއި، ލަވަހުށަހެޅުމާއި، ތަމްސީލްފަދަ ތަފާތު ހަރަކާތްތައް ހުޅަހަޅައިދިނެވެ. މި ދުވަސް ފާހަގަކުރުމުގެގޮތުން ކުރިއަށް ގެންދެވުނު ހަރަކާތްތަކަށް ދަރިވަރުންނާއި، ޓީޗަރުން އަދި ބެލެނިވެރިންނާއި، އިސްދަރިވަރުންގެ އިތުރުން ރަށުގެ ހުރިހާ މުއައްސަސާތަކާއި، އެންމެހާ ރައްޔިތުންގެ ފަރާތުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ސްކޫލުގެ ފަރާތުން މަރުޙަބާ ދަންނަވާ ޝުކުރުދަންނަވަމެވެ.
ޝުކުރިއްޔާ!

Sunday, February 26, 2017

މާދަރީބަހުގެދުވަސް ފާހަގަކުރުން

މިއަހަރުގެ މާދަރީބަހުގެ ދުވަސް 23 ފެބްރުއަރީ 2017 ވީ ބުރާސްފަތިދުވަހު މިސްކޫލުގައި ފާހަގަކޮށްފިއެވެ. މާދަރީބަހުގެދުވަސް ފާހަގަކުރުމުގެގޮތުން މިސްކޫލުގެ ހުރިހާ ގްރޭޑްތަކެއް ބައިވެރިކޮށްގެން އަދަބީ އެކިއެކި ތަފާތު ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ތަމްސީލް، ރައިވަރުކިޔުން، ބަނދިކިޔުން، ޅެންކިޔުން، ކުއްލި މަޢުލޫއަށް ވާހަކަދެއްކުން، ދޫފުރޮޅި، ވާހަކަކިޔުންފަދަ މިނޫނަސް ތަފާތު ހަރަކާތްތަކެއްވަނީ ދަރިވަރުން ހުށަހަޅައިދީފައެވެ. މިހަރަކާތްތައް ރާވައި ފަރިތަކޮށްދިނުމުގައި އިސްރޯލެއް އަދާކުރެއްވީ ސްކޫލުގެ ހުރިހާ ޓީޗަރުންނެވެ. އަދި މިހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ދަރިވަރުންގެ އިތުރުން ބެލެނިވެރިންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބުނުކަން މިފުރުސަތުގައި ފާހަކޮށް އެފަރާތްތަކަށް ޝުކުރުދަންނަވަމެވެ.  

Tuesday, February 14, 2017

އިންޓަރހައުސް 12 ވަނަ ނެޓްބޯޅަ މުބާރާތް

އިންޓަރހައުސް 12 ވަނަ ނެޓްބޯޅަ މުބާރާތް މި ސްކޫލުގައި ފެށިއްޖެއެވެ. ތިން ހައުސްގެ މެދުގައި ވާދަކުރެވޭ މިމުބާރާތުގެ ފުރަތަމަ މެޗުގައި ޔެލޯ އަދި ރެޑް ހައުސް ބައްދަލުކޮށް ޔެލޯހައުސްވަނީ މެޗް ކާމިޔާބުކޮށްފައެވެ. ދެވަނަމެޗްގައި ވައިލެޓް އަދި ޔެލޯ ހައުސް ބައްދަލުކޮށް ދެވަނަ މެޗްވެސް ކާމިޔާބުކުރީ ޔެލޯހައުސްއެވެ. ތިންވަނަ މެޗްގައި ރެޑް އަދި ވައިލެޓް ބައްދަލުކޮށް ތިންވަނަމެޗް ކާމިޔާބުކުރީ ވައިލެޓް ހައުސްއެވެ. މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލުކުރީ ޔެލޯހައުސްއާއި ވައިލެޓް ހައުސްއެވެ. ފައިނަލްކުޅެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވައިލެޓްހައުސްއެވެ. މިގޮތުން މުބާރާތުގެ ރަނަރަޕްޓީމަކީ ޔެލޯހައުސްއެވެ. އަދި ފެއަރޕްލޭޓީމަކަށް ހޮވުނީ ރެޑްހައުސްއެވެ. 

Sunday, January 29, 2017

ކީ ސްޓޭޖް 2 ގެ މޮނިޓަރިންގް ދަތުރު2017

ނިމިގެންދިޔަ 2016 ވަނައަހަރު އަލަށް ތަންފީޒްކުރަން ފެށުނު ކީސްޓޭޖް 2 ގައި ހިމެނޭ ގްރޭޑް 4 ، 5 ، 6 ގެ ކުލާސްތަކުގެ ކިޔަވައިދިނުމުގެ ކަންތައްތައް ހުރިނެތްގޮތް ބެލުމަށް ކުލާސްތައް ސްޕަވައިޒް ކުރުމުގެ މަސައްކަތް މިހާރު މިސްކޫލުގައި ކުރިއަށްއެބަދެއެވެ. މިގޮތުން ކުލާސްތައް ސްޕަވައިޒް ކުރައްވަމުން ގެންދަވަނީ ބ.އަތޮޅު ޓީއާރުސީ ކޯޑިނޭޓަރ އަލްފާޟިލް މުހައްމަދު އާރިފްއެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ މިސްޕަވައިޒް ކުރުމުގައި މިހާތަނަށް ކީސްޓޭޖް 2 އަށް ކިޔަވައިދެއްވާ ހުރިހާ ޓީޗަރުންގެ ކުލާސްތައް އޮބްޒާވްކޮށް ވަނީ ނިމިފައެވެ. އަދި މީގެ އިތުރުން އެޓީޗަރުންނަށް ފީޑްބެކްދިނުމާއި ކީސްޓޭޖް 1 އަދި 2 ށް ކިޔަވައިދެއްވާ ހުރިހާ ޓީޗަރުން ހިމެނޭގޮތައް ބައްދަލުވުމެއްވަނީ ބޭއްވިފައެވެ. މިބައްދަލުވުމުގައި ކިޔަވައިދިނުމާއި ގުޅޭގޮތުން ފާހަގަކުރެވިފައިހުރި ކަންތައްތަކާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާއިބެހޭގޮތުން ޓީޗަރުންނަށް މަޢުލޫމާތު ދެވުނެވެ. 

ކުޑަރިކިލު ސްކޫލުގެ ބްލޮގް އިފްތިތާހުކުރުން

.ބ. ކުޑަރިކިލު ސްކޫލުގެ ބްލޮގް 29 ޖެނުއަރީ 2017 ގައި އިފްތިތާހު ކުރެވިއްޖެއެވެ
މި ބްލޮގްގެ ބޭނުމަކީ ސްކޫލުގެ މިހިޔާވަހިކަމުގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމާއި ގުޅުންހުރި އެންމެހާކަންތައްތައް ރައްޔިތުންނާއި ހަމައަށް ފުރިހަމަ މަޢުލޫމާތާއިއެކު ފޯރުކޮށްދިނުމެވެ.