Thursday, March 9, 2017

ކުޑަރިކިލު ސްކޫލުގެ ރަންޔޫބީލް ފާހަކުރުން 1967 – 2017 މާރޗް 8



މިސްކޫލަށް 50 އަހަރުފުރޭ އުފާވެރި ރަންޔޫބީލް ފާހަކުރުމުގެ ގޮތުން ސްކޫލާއި، ބެލެނިވެރިންނާއި، އިސްދަރިވަރުންނާއި، އަދި ދަރިވަރުން ގުޅިގެން ތަފާތު ހަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިދުވަސް ފެށިގެން ދިޔައީ ފަތިސްނަމާދަށްފަހު ކުރެވުނު ހާއްސަ ދުޢާއަކުންނެވެ. މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާއިރު މިދުވަހުގެ ހާއްސަ އެސެމްބްލީއެއްވެސް ސްކޫލުގައި ބޭއްވުނެވެ. މި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ، މިސްކޫލަށް އަގުނުކުރެވޭނޭ ހިދުމަތްތަކެއްކޮށްދެއްވި ސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް ރިޓަޔަޑް އަލްފާޟިލް ޢަބްދުލް ހަމީދު އާދަމެވެ. މިއެސެމްބްލީގައި ސްކޫލުގެ އިސްމެނޭޖްމެންޓާއި ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން، ބެލެނިވެރިންނާއި، އިސްދަރިވަރުން އަދި ރަށުގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.     އެސެމްބްލީއަށްފަހު ޓީޗަރުންނާއި، ދަރިވަރުންނާއި، ބެލެނިވެރިން އަދި އިސްދަރިވަރުންގެ ތަފާތު ހަރަކާތްތަކެއް ސްޓޭޖްގައި ހުށަހަޅައިދެވުނެވެ. އޭގެތެރޭގައި ކުލާސްތަކުން ކޭކުފެޅުމާއި، ލަވަހުށަހެޅުމާއި، ތަމްސީލްފަދަ ތަފާތު ހަރަކާތްތައް ހުޅަހަޅައިދިނެވެ. މި ދުވަސް ފާހަގަކުރުމުގެގޮތުން ކުރިއަށް ގެންދެވުނު ހަރަކާތްތަކަށް ދަރިވަރުންނާއި، ޓީޗަރުން އަދި ބެލެނިވެރިންނާއި، އިސްދަރިވަރުންގެ އިތުރުން ރަށުގެ ހުރިހާ މުއައްސަސާތަކާއި، އެންމެހާ ރައްޔިތުންގެ ފަރާތުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ސްކޫލުގެ ފަރާތުން މަރުޙަބާ ދަންނަވާ ޝުކުރުދަންނަވަމެވެ.
ޝުކުރިއްޔާ!